”ގެދޮރުވެރިކުރުން“ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ ޙާލަތު ބެލުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފި އެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ.
މި އިންސްޕެކްޝަނާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ، ”މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ“ ކަމަށެވެ.
އިންސްޕެކްޝަންގެ މަސައްކަތުގައި އިމާރާތުގެ ސްޓްރަކްޗަރާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ދޮރުން ދޮރަށް ސަރވޭކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެ އެވެ. އަދި މި މަސައްކަތް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އެފްޑީސީން މިވަގުތު ދަނީ ބޯހިޔާވަހިކަމުގެ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަޝްރޫޢު ނިންމުމަށެވެ.
ސަރުކާރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ، އެފްޑީސީ އެއްކޮށްލުމަށް ނިންމާފައިވާއިރު، ސަރުކަރުން ނިންމާަފއިވާ ގޮތުގައި އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ހައުސިން ޔުނިޓެއް ކުރިއަށް އޮތްތަނުގައި ބަލަހައްޓާނީ އެފްޑީސީންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން