އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މި މަހު ފަށާނެ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ހާމަކޮށްފި އެވެ.
މި ޚިދުމަތް އަލަށް ފަށާ ރަށްތަކުގެ ތެރޭގައި މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ ހިމެނެއެވެ.
މިނިސްޓްރީން ދެއްވި މައުލޫމާތުގައި، މިހާރުވެސް 15 ރަށެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދެމުން އަންނަ ކަމަށް ފާހަގަކޮށްފައިވެ އެވެ. މި ޚިދުމަތް އަތޮޅުތެރޭގައި އެންމެ ފުރަތަމަ ފެށީ ގއ. ވިލިނގިލީގަ އެވެ. އަދި މިހާރު ތިނަދޫ ސިޓީގެ އިތުރުން ގދ. ގައްދޫއިން ވެސް މި ޚިދުމަތް ލިބެމުންދެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ނެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ފެށިފައިވަނީ 1984 ވަނަ އަހަރު އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި މުހިންމު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ށ. މިލަންދޫ ށ. ފުނަދޫ ނ. ވެލިދޫ މ. މުލި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
