ރާއްޖެއަށް ގޭސް އެތެރެކުރާ ކުންފުނި، މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަން ފަށައިފި އެވެ.
މި މައްސަލަ ހާމަވެގެން ދިޔައީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހުން ގެއްލުނު ފައިސާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އެވެ. އެގޮތުން ގޭސް ޝިޕްމަންޓަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކޮށް، ދުބާއީގެ ކުންފުންޏަކަށް ޕޭމަންޓުގެ 30 ޕަސެންޓު ދައްކާފައިވާކަން ފާހަގަކުރެވެ އެވެ. އާންމު އުސޫލެއްގެ ގޮތުން ރާއްޖެއިން ގޭހުގެ އޯޑަރު ދެނީ ކޮންމެ ޝިޕްމެންޓަކަށް 1،000 ޓަނެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަދެފަ އެވެ.