ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނ. ވެލިދޫގައި ކުރިއަށްގެންދާ 3 ޕްރޮޖެކްޓްކަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނ.ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި އެއާއެކު ދޯންޏަކަށް މުދާ ބަރުކުރާ މަންޒަރު ފެންނަ ފޮޓޯތައްވެސް ވަނީ ޕޯސްޓްކޮށްފަ އެވެ.
ވެލިދޫ ހޮސްޕޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ އެވެ. ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ވެލިދޫ އާ ހޮސްޕިޓަލް ހަދަން އާރުޑީސީއާ ހަވާލުކުރީ 108 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުވެސް ނިންމަން ދީފައިވަނީ ދޮޅު އަހަރު ދުވަހެވެ.
އޭގެއިތުރުން ވެލިދޫގައި ތަރައްޤީކުރާ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީންނެވެ. ވެލިދޫގެ އިތުރުން ކ.ކާށިދޫ އަދި ލ. ގަމުގައި ޤާއިމުކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލުކުރި އެވެ.
ވެލިދޫ ޕޮލިސް ސްޓޭޝަން އިމާރަތްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކޮށް، ފުލުހުން މިހާރު ޤާއިމްވެތިބި ރަށްރަށުގައި އަލަށް ޕޮލިސް ސްޓޭޝަން އިމާރަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ތެރެއިންނެވެ.