އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަން ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
އެގޮތުން އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުލިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދަތުރުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެވުމަށްވެސް ލިވަޕޫލުގެ އެހީތެރިކަން ލިގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ކަންކަމަކީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ދެފަރާތުން އެއްބަސްވެވުނު ކަންތައްތައް ކަމަށެވެ.
މިއީ އެހެން ގައުމުތަކުގައިވެސް ލިވަޕޫލުން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރާފިޢު ވަނީ ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެކެވުނު ކަމަށްވެސް ވިދާޅުވެފައެވެ. ހަމަ އެހެންމެ ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވަން ބޭނުންވާ ވާހަކަ ބައްދަލުވުމުގެ ލިވަޕޫލުން ހުށެހެޅުއްވި ކަމަށް ރާފިޢު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވުނީ އެބޭފުޅުންގެ މިނިމަމް ރިކުއާމެންޓަކީ ކޮބާތޯ؟ މި ކަންފަށަށް ކޮންކަހަލަ ކަންތައްތަކެއް ކޮންކަހަލަ ފެސެލެޓީއެއްތޯ ބޭނުންވާނީ އަދި އިންޓްރެސްޓެޑް ކޯޗުންނަކީ ކޮންބައެއްކަން، އަޑެންޓިފައިކުރުން.“ ލިވަޕޫލްގެ އެކެޑަމީއެއް ހުޅުވުމަށް ފާޅުކުރެއްވި ޝައުގުވެރިކަމާ ގުޅޭގޮތުން ރާފިޢު ވިދާޅުވިއެވެ.
މި ދަތުރުން އެނގިގެންދިޔަ ގޮތުގައި މިހާރު ތިބި ދިވެހި ކޯޗުން މިކަމުގައި ޝާމިލުވާނެ ކަމަށާއި، އެންމެ މުހިންމު ކަމަކީ ލިވަޕޫލުގެ ކޯޗުންނަށް ވާން ބޭނުން ފަރާތްތަކަށް އޮތް ފުރުސަތުކަން ރާފިޢު ފާހަގަކުރެއްވެވިއެވެ. މި މަޝްރޫއުގެ ތައުލީމީ ބައިތައް ތަރައްގީކޮށް ކުރިއަށްގެންދާނީ ލިވަޕޫލްއިންނެވެ. އެކަމައްޓަކައި ލިވަޕޫލުގެ ޚާއްސަ ކޯޗެއް ރާއްޖޭގައި ހުންނާނެ ކަމަށްވެސް ރާފިޢު ވިދާޅުވިއެވެ. މިދަތުރުވެގެންދިޔައީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަރުދާހާ ހަމައަށް އެއްބަސްވުން ގެނައުމުގެ ފެށުން ކަމަށް ރާފިޢު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެކަމުގެ މައުލޫމާތު ލިވަޕޫލުން ދިވެހި ސަރުކާރާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވުމުގެ އިތުރުން ލިވަޕޫލުގެ އަކްސާ ހައިޕާފޯމެސް ސެންޓަރަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލިވަޕޫލް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު