ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފިއެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވާފައެވެ.
އަޅުގަނޑަށް ފާހަގަކުރެވުނީ ކޮންމެވެސް ސަބަބަކާހުރެ ވޭތުވެދިޔަ އަހަރުތަކުގައި އެ ތަނެއް ދަރިވަރުންނަށް ނުލިބޭ. މި ކަން އަޅުގަނޑަށް އެނގުނީ ވަރަށް ފަހުން. ސަރުކާރާ ހަވާލުވުމަށްފަހު އަޅުގަނޑުގެ އަމާޒަކަށްވީ އަލުން އަނބުރާ ކުރީގެ ގޮތަށް މިކަން އިޢާދަކުރުން. އެހެންކަމުން، މިއަދު އިރާދަކުރެއްވިއްޔާ މި ކަން ހަމަޖެހިގެން ދިޔުމާއެކު، އަޅުގަނޑު އުންމީދުކުރަނީ ހުރިހާ ދަރިވަރުންނަށްވެސް މިއީ ވަރަށް ބޭނުންތެރި ތަނަކަށް ވާނެކަމަށް. އެ ޢިމާރާތުގައި ހުންނަ ކޮޓަރިތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް އަގުހެޔޮކޮށް ތިބެވުމުގެ އިތުރުން، ވަގުތީގޮތުން މަޑުކޮށްލާއިރުވެސް ވަރަށް ފަސޭހަކަމާއެކު އެތަނުގައި ތިބެވޭނެ. މިއީ ކުރީގެ މާޙައުލު، ކުރީ ޒަމާނުގައި އޮތް ގޮތަށް އަލުން އިޢާދަކުރެވޭކަމެއް.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މިއަދު ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި، ދިރާސީ މަސައްކަތްތަކާބެހޭ މަޢުޅޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތް