މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”އަންބަލަން 2025“ ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މާލެ ސިޓީ ކައުންސިލް އަދި މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އެވެ.
”އަންބަލަން 2025“ އަކީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެ ދުވަހުގެ ހަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު މަގްސަދަކީ ސަގާފީ ހަރަކާތްތަކާއެކު، ސިއްހީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އާންމުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ޙަރަކާތުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
- ކުޑަކުދިންނާ ގުޅޭ ސަގާފީ އަދި މަޖާ ހަރަކާތްތައް
- އަތްތެރި މަސައްކަތް ދައްކުވައިދޭ ސްޓޯލްތައް
- ކުޑަކުދިންގެ ހުނަރު ދައްކުވައިދޭ ސްޓޯލްތައް
- އަންނައުނާއި ކުޑަކުދިންގެ ކުޅޭ ތަކެތި ވިއްކާ ސްޓޯލްތައް
- ދިވެހި ޕޭސްޓްރީއާއި އެހެނިހެން ކާބޯތަކެތި ވިއްކާ ސްޓޯލްތައް
- ފޯރިގަދަ ސްޓޭޖް ޝޯތަކާއި ބޮޑުބެރުގެ ޙަރަކާތްތައް
މީގެ އިތުރުން އިހު ޒަމާނުގެ ސަޤާފީ ވާހަކަތަކުގައި އުޅޭ ކެރެކްޓާރސް ގެ ދައްކާލުން ވެސް ސްޓޭޖް ހަރަކާތްތަކުގެ ތެރޭގައި ހިމެނޭނެ އެވެ. އަދި ކޮމީޑިއަން އެކްޓަރ ކާއްޓޭ އަދި މަޓޭއާއި އެކު މަޖާ އާއިލީ، އަދި އުފާވެރި މާހައުލެއްގައި ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތް އޮންނާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.