މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ”ހާލު ކިހިނެއް“ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12،000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، އެ ޢާއިލާތަކުގެ ޙާލަތު ދެނެގަނެފައިވާކަމަށް ސޯޝަލް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ޕްރޮގްރާމެއް ކަމަށެވެ. ”މިހާތަނަށް 12،000 އަށްވުރެ ގިނަ ގޭބިސީން މަޢުލޫމާތު އެއްކޮށްފިން. މިހާރު އަތޮޅުތަކުގެ 40 ރަށަކުން މަޢުލޫމާތު އެއްކޮށްފި. އަދި އިތުރު 30 ރަށަކުން މަޢުލޫމާތު އެއްކުރުން ކުރިއަށްދޭ،“ މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން، އިޖުތިމާޢީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށްރަށުން މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ”އިބަމަ“ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮންމެ ކުއްޖަކަށް އާއިލާއެއް
ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް ދަޢުލަތުގެ ބެލުމުގައި ތިބި 67 ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ. މީގެ ތެރޭގައި އަމިއްލަ އާއިލާތަކާއި، ތިމާގެ މީހުންނާއި އަދި ފޯސްޓަރ ކުރި ޢާއިލާތައް ހިމެނެ އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މިވަގުތު ދަޢުލަތުގެ ބެލުމުގެ ދަށުގައި 139 ކުދިން ތިބިއިރު، ސަރުކާރުގެ އަމާޒަކީ އާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިން އިތުރުކޮށް، ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ އަދަދު މަދުކުރުމެވެ.
އައިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
