މާކެޓް އިންޓަމީޑިއަރީތަކުގެ ޒިންމާތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މާކެޓް އިންޓަމީޑިއަރީތަކުގެ ޒިންމާތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލަން މަސައްކަތް ފަށައިފި ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.

ސީއެމްޑީއޭ އިން މިގޮތަށް ބުނީ ދާދި ފަހުން މާލީ ސެކިއުރިޓީޒްއާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް މަރުހަބާ ކިޔައި، ނެރުނު ނޫސް ބަޔާނެއްގަ އެވެ. މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ ސީއެމްޑީއޭއަށް ރާއްޖޭގައި ސެކިއުރިޓީސް އިންވެސްޓްމެންޓްތައް ކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ރެގިއުލޭޓަރީ އޮނިގަނޑެއް ފޯރުކޮށްދިނުމުގެ ބާރު ލިބިދޭ މާއްދާތަކެއް ހިމެނުމެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ބޭރުގެ އިންވެސްޓަރުންނަށް ރެގިއުލޭޓަރީ ހުއްދަތައް ހޯދުމާއި މާލީ ސެކިއުރިޓީޒްއާއި ބެހޭ މުއާމަލާތްތައް ކުރުމަށް މަގުފަހިކޮށްދިނުމެވެ. މި އިސްލާހާއެކު ފޮރިން ޕޯޓްފޯލިއޯ އިންވެސްޓަރުން (އެފްޕީއައި) އަށް ފޮރިން އިންވެސްޓްމެންޓް ގާނޫނާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ފޮރިން ޑައިރެކްޓް އިންވެސްޓަރުން (އެފްޑީއައި) އަށް ހިނގާ ޝަރުތުތަކުން އިސްތިސްނާ ވެގެންދާނެ އެވެ.

އެ ނޫސް ބަޔާނުގައި ސީއެމްޑީއޭއިން ބުނީ އެ އޮތޯރިޓީން ވަނީ ބޭރުގެ އިންވެސްޓަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީ، ސީއެމްޑީއޭ އަދި މާކެޓް އިންޓަމީޑިއަރީތަކުގެ ޒިންމާތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި އޮނިގަނޑުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓްރީގައި ސެކިއުރިޓީސް އެކައުންޓެއް ހުޅުވުމަށާއި ރާއްޖޭގެ ބޭންކްތަކުގައި ސެކިއުރިޓީސް އިންވާޑް އިންވެސްޓްމެންޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ޝަރުތުތަކާއި މިންގަނޑުތައް ހިމެނޭނެ ކަމަށް ސީއެމްޑީއޭ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން، އިކޮނޮމިކް މިިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސިނާއަތްތަކަށް/ދާއިރާތަކަށް ހުއްދަކުރެވިފައިވާ ގައުމީ މިންގަޑުތައް/ހުދޫދުތައްވެސް މި އޮނިގަނޑުގައި ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި މިންގަނޑުތަކާއި/ހުދޫދުތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމުގެ ނިޒާމެއްވެސް އެކުލަވާލައި ތަންފީޒުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. މި އައު އޮނިގަނޑު ހިންގުމަށް ގަސްދުކޮށްފައިވަނީ މަރުކަޒީ ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށެވެ.

ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ ފަރާތްތަކަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރެވިދާނެ ކަމަށް އާ އިސްލާހުގައި ވެއެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒް އޮތޯރިޓީން ކަނޑައަޅަންވާނެ ކަމަށާއި އެކަން ކުރަންވާނީ ވަޒީރުގެ މަޝްވަރާއާ އެކު ކަމަށް ބުނެފައިވެ އެވެ.

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސިއެމްޑީއޭ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ