ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ ކޮށްފި އެވެ.
ޕީޖީ އޮފީިހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން:
- ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް
- ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
- ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް
- ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް
- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން
- ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު
- އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު
މި މީހުންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވަނީ ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ މިދުހަތު އާދަމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިތުރު ބަޔަކާއެކު ޝަމީމަށް ހަމަލާދިނުމަށް ރާވައި އަދި މީނާ ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޝަމީމުއާ މެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއެވެ. މުހައްމަދު ޖަޒްލާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިކަން ރާވައި އަދި ހަމަލާދިން މިދުހަތު އާދަމް ގޮވައިގެން އެ ސައިކަލުގައި އެތަނަށް ގޮސް، ހަމަލާދިނުމުން މިދުހަތު ގޮވައިގެން އެތަނުން ގޮސްފައިވާތީއެވެ. އަހުމަދު މައިސާން ހާޝިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، މިކަމުގައި ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.
މިމައްސަލައިގައި ދެން ހިމެނޭ ރަޖުވާން ލަތީފް، ޝަމާލް ހުސައިން، އަބާން އަބްދުލްހަންނާނު އަދި ޒަޔާން ނަސީރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، ހަމާދިން އިރު ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.
ޝަމީމަށް ހަމަލާދީފައިވަނީ 31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޫރު މިސްކިތް ކައިރީ މަގުމަތީގައި ހުއްޓައެވެ. މަރުތޭލައެއް ބޭނުންކޮށްގެން ޝަމީމްގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތް ކުރިނަމަވެސް ހަމަލާ އަމާޒުވީ ޝަމީމްގެ މުލައްދަނޑިއަށެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)
