ކެންޑެލާގެ 10 ހައިޑްރޯފޮއިލް ބޯޓު އަންނަ އަހަރު ރާއްޖެއަށް

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި، ސްވީޑަންގެ އިލެކްޓްރިކް ބޯޓު އުފައްދާ ކުންފުނި ކެންޑެލާ އިން، ރާއްޖޭގެ އޮޕަރޭޓަރެއް ކަމަށްވާ އީގޯ ޝަޓްލް އަށް 10 ކެންޑެލާ ޕީ-12 އިލެކްޓްރިކް ހައިޑްރޯފޮއިލް ބޯޓު ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ އެވެ.

މި ބޯޓުތަކުގެ ތެރެއިން ފުރަތަމަ ބޯޓުތައް 2026 ވަނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޯޓުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވަށައިގެންވާ ރަށްތައް ގުޅުވައިދޭނެ އެވެ.

ކޮންމެ ކެންޑެލާ ޕީ-12 ބޯޓެއްގައި އެއްފަހަރާ 30 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. މި އިލެކްޓްރިކް ބޯޓުތަކަކީ ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބޯޓުތަކެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ބޯޓުގެ ހަލް، ފެނުގެ ސަތަޙައަށްވުރެ އެއް މީޓަރު މައްޗަށް އުފުލިފައި ހުންނާނެ އެވެ. މިކަމުގެ ސަބަބުން 25 ނޮޓް (46 ކިލޯމީޓަރު/ގަޑިއިރު) ގެ ސްޕީޑެއްގައި ދަތުރުކުރެވޭނެ އެވެ.

ކެންޑެލާ އިން ބުނާ ގޮތުގައި، ވޯޓަރ ރެސިސްޓެންސް ނައްތާލުމުގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 80 އިންސައްތަ ދަށްވެ، އެއް ފަހަރު ބެޓެރީ ޗާޖުކޮށްގެން ދަތުރުކުރެވޭ ދުރުމިން ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

އީގޯ ޝަޓްލްގެ ސީއީއޯ، ޝަބީރު ވަލްޖީ ވިދާޅުވީ، އާދައިގެ ބޯޓުތަކަކީ ބެޓެރީ ޕަވަރ ބޭނުންކޮށްގެން ދަތުރުކުރުމަށް އެކަށީގެންވާ ވަރަށް އެފިޝިއެންޓް ނޫން އުޅަނދުތަކެއް ކަމަށެވެ.

”މިހާތަނަށް ފެނުގެ ދަތުރުފަތުރު އިލެކްޓްރިފައި ކުރުމަށް އެކަށީގެންވާ ހައްލެއް ނެތް. ނަމަވެސް ކެންޑެލާ ޕީ-12 އާއެކު، އަޅުގަނޑުމެންނަށް ފޮސިލް-ފިއުލް (ތެލުން ދުއްވާ) ބޯޓުތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ސްޕީޑާއި ރޭންޖް ހުރި އުޅަނދެއް ލިބިފަ. އަދި މި އުޅަނދަކީ މި ޚާއްޞަ މާހައުލަށް ކުރާ އަސަރު އެންމެ ކުޑަކުރާނެ އުޅަނދު،“ ޝަބީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރުކާރުގެ 2030 ގެ ނިޔަލަށް ކްލައިމެޓް ނިއުޓްރަލިޓީ ހާސިލުކުރުމުގެ ޢަޒުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދުނިޔޭގެ ފެންވަރުގެ އީޖާދު ރާއްޖެއަށް ތަޢާރަފުކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އަބަދުވެސް އަޑުއުފުލާ ޤައުމެއް ކަމަށް ޝަބީރު ފާހަގަކުރެއްވި އެވެ.

ކެންޑެލާ ޕީ-12 ބޯޓު މިހާރުވެސް ސްޓޮކްހޯމްގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރަމުންދާއިރު، އެފަދަ ބޯޓެއް އެމެރިކާގެ ލޭކް ޓާހޯގައި ޚިދުމަތް ދޭން ފަށަން ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން ތައިލެންޑުން 10 އަދި އިންޑިއާއިން 11 ބޯޓުށް ވަނީ އޯޑަރު ދީފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ