ރެއާލް މެޑްރިޑް އަދި ޓޮޓެންހަމްގެ ކުރީގެ ޑިފެންޑަރު، ސާޖިއޯ ރެގީއޯން އިންޓަ މިއާމީއަށް ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ޓޮޓެންހަމް އިން ރެގީއޯން ދޫކޮށްލިފަހުން އޭނާ މިއަދާ ހަމަޔަށް ހުރީ ކްލަބެއް ނެތިފަ އެވެ. މިއާމީ އާއެކު އޭނާ ސޮއިކުރީ 2027 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށެވެ.
ރެއާލް ދޫކޮށް ރެގީއޯން ޓޮޓެންހަމް އާ ގުޅުނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ނަމަވެސް، މިދިޔަ ތިން ސީޒަނުގައި އޭނާ ވަނީީ ލޯނު އެއްބަސްވުމުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް، އެތުލެޓިކޯ މެޑްރިޑް އަދި ބްރެންޓްފޯޑަށް ކުޅެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ޓީމަކަށް ރެގީލޯން ކުޅެފައިވާއިރު އޭނާ ވަނީ ލީގުގައި ޖުމްލަ 86 މެޗު ކުޅެ، ދެ ލަނޑު ޖަހާފައެވެ.
ރެގީލޯން ބުނީ މިއާމީ އަކީ ރަނގަޅު މަސައްކަތްތަކެއް ކުރާ، ރަނގަޅު މިސްރާބެއްގައި އޮތް ކްލަބެއް ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ މިއަމީ އާއެކު މުބާރާތްތައް ކާމިޔާބުކުރުން ކަމަށް ބުންޏެވެ.



