ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕަށް ސީނިއަރ ޓީމު ތައްޔާރުކުރުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
އަލީ ރަޝީދު މިފަދައިން ވިދާޅުވީ ނޭޕާލްގެ ކަޓަމަންޑޫގައި ބޭއްވުނު ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރިހި މެޑެއްޔަކާއި ދެ ލޯ މެޑެލް ހޯދައިދިން ގައުމީ ޓީމު ރާއްޖެ އައުމުން، މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
”މިހާރުވެސް ޓީމުގައި އަރާނެ ސީނިއަރ ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންގެ ކޮންފިޑެންސް ލެވެލްވެސް ވަރަށް މަތި. އަދި ދީމާ އާއި ރަފާވެސް ޓީމާ ގުޅޭނެ. އެހެންވީމާ ޓީމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން ބަލަނީ،“ އަލީ ރަޝީދު ވިދާޅުވި އެވެ.
ޓީޓީ އެސޯސިއޭޝަންގެ ކޯޗު ޗަމިންޑާ ރޮޑްރިގޯ ވިދާޅުވި ގޮތުގައި ޓޭބަލް ޓެނިސްއަކީ ވަރަށް އުނދަގޫ ކުޅިވަރެއް ކަމަށާއި، ކޮންމެ ދުވަހަކު ދެ ސެޝަނަށްވުރެ ގިނަ ޕްރެކްޓިސް ސެޝަން ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.
މިމަހުގެ 15 އާއި 18 އާ ދެމެދު ބޭއްވުނު ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރިހި މެޑެލް ހޯދައިދީފައިވަނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީން ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒު އެވެ. އަދި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން އައިޝަތު އަލްސާ ނާފިޒު އާއި މުހައްމަދު ހަލަފް ރާފިއު ލޯ މެޑެލް ހޯދި އެވެ.
މީގެއިތުރުން 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ބަންގްލަދޭޝް 3-1 އިން ބަލިކޮށް ލޯ މެޑެލް ހޯދާފައިވެ އެވެ.



