އެމްޑީޕީން އައްޑޫ ރައްޔިތުންނަށް ދެއްކީ ދަޅައެއް ކަމަށާއި، އައްޑޫ ރައްޔިތުން އެމްޑީޕީން މަތިން ފޫހިވެފައިވާ ކަމަށް އައިލެންޑް ބޭވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖިނާން ޖަލީލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖިނާން ވިދާޅުވި ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އައިއިރު، ވެރިކަން ބޭނުންވާ ކޮންމެ ފަހަރަކު އެމްޑީޕީން އައްޑޫ ރައްޔިތުން ބޭނުންކޮށްފައިވަނީ ސިޔާސީ ކުރިމަގު އުޖާލާ ކުރުމަށް ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން އައްޑޫ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ތަރައްޤީ ގެނެސްދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އައްޑޫގެ އެތަކެއް ތަނެއް ވިރާނާކޮށް ކޮމިއުނަލް ސެންޓަރެއް އެޅި ނަމަވެސް، އެތަނުން އައްޑޫ ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށް ޖިނާން ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ގިނަ އައްޑޫ ރައްޔިތުންގެ ކުދި ވިޔަފާރިތައް ހަލާކުވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް އައްޑޫ ރައްޔިތުންނަށް ދެއްކީ ދަޅަ ކަމަށާއި، ވަގުތީ ޙައްލުތަކެއް ހޯދައިދިން ކަމަށް ޖިނާން ވިދާޅުވި އެވެ. މިގޮތުން އައްޑޫގެ ފެނާއި ނަރުދަމާގެ ބޮޑު މަޝްރޫޢު ފެށި ނަމަވެސް، އައްޑޫގެ މަގުތައް އަދިވެސް ނުނިމި އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށާއި، އައްޑޫ ރައްޔިތުންނަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޖިނާން ފާހަގަކުރެއްވި އެވެ. މިގޮތުން އައްޑޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އިންޖީނުތައް ގެނެސް ބަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާން ވިދާޅުވި ގޮތުގައި މިހާރު އައްޑޫ ރައްޔިތުންގެ ސިޔާސީ ވިސްނުން ބަދަލުވެ، ޑރ. މުޢިއްޒުގެ ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
