100 އަށް ވުރެ ގިނަ ބައިވެެރިންނާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފި އެވެ.
މި ފޯރަމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން ކުރިއަށް ގެންދާ ފޯރަމެކެވެ. މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފޯރަމް ކުރިއަށް ގެންދަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.
ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި ރާއްޖޭން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން މި ފޯރަމްގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނެ އެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އިންޑިޔާ، ބޫޓާން، ސްރީލަންކާ، އިންޑޮނީޝިއާ އަދި ފިލިޕީންސް ގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ބައިވެރިވެ އެވެ. އަދި ޑަބްލިއު އެޗް އޯ، ޔުނިސެފް، ޔޫއެންޑީޕީ، އެފް އޭ އޯ އަދި އައިއޯއެމް ފަދަ އދ ގެ އިދާރާތަކުން ބައިވެރިވެ އެވެ.
ޔޫއެޗްސީ ހާސިލުކުރުމަކީ 2030 ގެ ނިޔަލަށް ހާސިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ގައި ކަނއަޅާފައިވާ އަދި ޤައުމެއްގެ ސިއްހީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށް ބަލާ ލަނޑުދަނޑިއެކެވެ. އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.
އެސްޑީޖީގެ ލަނޑުދަނޑިތައް 2030 އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާއިރު، ރާއްޖޭގައި ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގަ ސާވިސް ކަވަރޭޖް އިންޑެކްސެއް ހާސިލް ކުރެވިފައިވެ އެވެ.



