އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ލ.އަތޮޅު ބުރުގެ ފުރަތަމަ މޮޅު ކުނަހަންދޫ އިން ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުނަހަންދުއާއި މާބައިދު އެވެ. އިއްޔެ ހަވީރު މި މެޗު ކުޅެން ފެށި ނަމަވެސް، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން އެ މެޗު ވަނީ މިއަދު ހަވީރަށް ފަސްކޮށްފަ އެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ކުނަހަންދޫ އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެެޗުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މީގެއިތުރުން، ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިފައިވެ އެވެ.
މިއަދުގެ މެޗުގެ ފަހުވަގުތާ ހަމަޔަށް ދެ ޓީމުންވެސް ލަނޑު ޖަހައި ލީޑު ނެގުމަށް މަސައްކަތް ކޮށްފައިވާއިރު، މެޗު ނިމެން ގާތް ވެފައިވަނިކޮށް ކުނަހަންދޫ މޮޅުކޮށްދިނީ އަހުމަދު އަފްސާން އެވެ. ކުނަހަންދޫ އިން ކުރި ކައުންޓަ އެޓޭކެއްގައި އަފްސާން ފޮނުވާލި ބާރު ހަމަލާ، މާބައިދޫ ކީޕަރަށް ދިފާއުކުރެވިފައެއް ނުވެ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު ލީގު އުސޫލުން ކުޅޭއިރު، މާދަމާ ބައްދަލުކުރާނީ ގަން ފުޓްބޯލް ކްލަބާއި ފޮނަދޫ ފުޓްބޯލް ޓީމެވެ.



