ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 205 މަޝްރޫއެއްގެ މަސައްކަތް މާދަމާ ޕްރައިވެޓް ކުންފުނިތަކާއި ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކީވެސް އެމަނިކުފާނު ފުއްދަވާ ވަޢުދެއް ކަމަށާއި، މީގެތެރެއިން 205 މަޝްރޫޢުގެ އިތުރަށް ޖުމުލަ 213 މަޝްރޫޢު ޕްރައިވެޓް ސެކްޓަރ އާ ހަވާލުކުރަން މިހާތަނަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރެއިން އައްޑޫ އަތޮޅުގައްޔާއި، ފުވައްމުލައް ސިޓީގައި 8 މަޝްރޫޢު ހިމެނެ އެވެ.
މި މަޝްރޫޢުތައް ހިމެނޭ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ކުޅިވަރު، އަމަންއަމާންކަން ޤާއިމުކުރުން، މަތީ ތަޢުލީމު އަދި ޖުމްލަކޮށް ހުރިހާ ދާއިރާއެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ އެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ އިންޑަސްޓްރީތައް ކުރިއަރުވައި، އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ 100% ކުންފުނިތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާ އަދި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާވެސް މަސައްކަތްތައް ހަވާލުކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
”މި ސަރުކާރަކީ އިންޑަސްޓްރީތައް ކުރިއަރުވަން ބޭނުންވާ، އިޤްތިޞާދު ކުރިއަރުވަން ބޭނުންވާ މަސައްކަތްކުރާ ސަރުކާރެއް.“
އޭގެއިތުރުން ރައީސް ވަނީ ކުރީ ސަރުކާރުން ނުދީ ފުނިޖައްސާފައި ހުރި ބިލުތަކަށް ފައިސާ ދޭނެ ވާހަކަ އެމަނިކުފާނު ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މި ފައިސާ ދިނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މިހާރު އެދަނީ ބިލުތަކަށް ފައިސާދެމުން ކަމަށާއި، ކުރިއަށް އޮތް ކޮންމެ ދުވަހަކުވެސް މިގޮތަށް ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”މި މަސް ނިމޭއިރުގެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމާޒަކީ، މިގޮތަށް ދޭން ހުރި ހުރިހާ ފައިސާއެއް ދީ ނިންމުން.“
ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ފަށާ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުންކަމަށް ވިދާޅުވެފަ އެވެ.
