މަރޮށީ ޞިއްޙީ މަރުކަޒުން އަންނަ އަހަރު 24 ގަޑިއިރު ހިދުމަތް ދޭނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ށ. މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް، އަންނަ އަހަރު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރޮށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ މަރުކަޒަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭނުންވާ ފައިސާ ހިމަނުއްވައި، މުވައްޒަފުން ނެގުމުގެ ފުރުޞަތު ދެއްވާނެ ކަމަށެވެ.

މީގެއިތުރުން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން 14.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށިގެންދާނެ ކަމަށާއި، މިއީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރުން ހޯލުވެސް އޭސީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަލްޓިޕަރޕަސް ހޯލެއް އެޅުމަށްވެސް ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އިތުރު މަގުތަކާއި ގޯޅިތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި، މަޝްރޫޢުގެ ސްކޯޕް ބަދަލުކުރުމުގެ ޤަވާޢިދުގައި އޮންނަ އެންމެ މަތީ މިންވަރަށް އިތުރު މަގުތައް ހިމަނައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ މަރޮށްޓަކީ ޒަމާނުއްސުރެ އަޅާނުލާ ދޫކޮށްލެވިފައިވާ ރަށެއް ކަމަށާއި، މިހާރު ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމައިދިނުމަށް އެދިފަ އެވެ. މިކަމަށް ރައީސް ވަނީ ސަރުކާރުން ފަށާ މަޝްރޫޢުތައް ނިންމައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފަ އެވެ.

ށ. މަރޮށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ