ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ޑޮމެސްޓިކް ރޭޓުގައި ބިލް ކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، 2026 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުގައި ކަމަށެވެ.
”ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިފަހުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ބައެއް ބަދަލުތައްވެސް ގެންނެވުމަށް ނިންމަވާފަ އެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% ދެގުނަ ބޮޑުކޮށް، %10 އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ހަމަޖެއްސުމުގައި ބަލާ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ހުށަހެޅުމަށްވެސް ވަނީ ނިންމަވާފަ އެވެ.
