ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ޚިދުމަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފި އެވެ.
މި ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ މައުލޫމާތުގައިވާ ގޮތުން، މިވަގުތު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މި މަޝްރޫގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގަ އެވެ. އަދި މި މަހުގެ ނިޔަލަށް މަޝްރޫގެ އަމަލީ މަސައްކަތް އެއްކޮށް ނިންމައި، ޚިދުމަތް ފެށުމަށް ވަނީ ރޭވިފަ އެވެ.
ފުވައްމުލަކު ސިޓީގެ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ ސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސިޓީ ސްކޭންގެ ޚިދުމަތްކަމަށް ހޮސްޕިޓަލުން ފާހަގަކުރެ އެވެ. މި ޚިދުމަތް ގާއިމުކުރުމަށް ޓަކައި، އެ ހޮސްޕިޓަލުުގެ ޖާގަ ވަނީ އިތުރުކޮށްފަ އެވެ. އަދި އިމާރާތަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. މި މަސައްކަތް ކުރުމަށް ހެލްތް މިނިސްޓްރީން އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރު އެވެ. މި މަސައްކަތް ހަވާލު ކުރީ ދެ މިލިއަން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ އަށެވެ.


