ހެލްތު މިނިސްޓްރީން ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް 23.5 މިލިއަން ރުފިޔާއަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ ހއ. ތުރާކުނު، ހއ. ވަށަފަރު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫގެ ހެލްތު ސެންޓަރުތަކުގެ މަރާމާތުގެ މަސައްކަތްތަކެވެ.
މީގެ ތެރެއިން ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާއެވެ. ވަށަފަރުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަން ހެދުމުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތުރާކުނުގައި ސިއްހީ މަރުކަޒުގެ އޮފީހާއި މީޓިން ހޯލާއި ޕަބްލިކް ހެލްތު އޮފީހާއި ސްޓޯރު އަދި ލޯންޑްރީ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫ 3.4 މިލިއަން ރުފިޔާއަށް ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޅައިމަގުގެ ސިއްހީ މަރުކަޒުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީއާ ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީކޮން މޯލްޑިވްސް ކުންފުންޏަށެވެ. މި މަސައްކަތް 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފަ އެވެ.
މަގޫދޫ، ބިލެއްދޫ އަދި ދަރަނބޫދޫގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މި ރަށްތަކުގައި ވޯޑަކާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މަގޫދޫގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށާއި، ބިލެއްދޫގެ މަސައްކަތް 4.3 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށާއި، ދަރަނބޫދޫގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފަ އެވެ.



