ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫޢެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ސޯލާ ސިޓީ މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރީ ކެނެޑާގެ އަބްރަކްސަސް ކުންފުންޏާއެކު އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޭމްސް ކޯލްޓާ އެޑީ އެވެ.
187 މިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދޭނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މި މަޝްރޫގެ ސަބަބުން ތެލަށް ކުރާ ޚަރަދުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. މި މަޝްރޫ 2027 ވަނަ އަހަރު ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ސޯލާ ސިޓީ މަޝްރޫއަކީ ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް މުއިއްޒު ކުރިން އިޢުލާންކުރައްވާފައިވާ މަޝްރޫގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މީގެއިތުރުން، މިއަދު ބޭއްވުނު ފޯރަމްގައި ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ދާއިރާގެ ފަންނީ ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކުވެސް އިންވެސްޓްމަންޓް ސާވިސަސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ ޠާރިޤު އިބްރާހީމް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)



