2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއަށްވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ ކުރި ބައެއް މީހުންގެ ދައުވާތަައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ނިންމައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، 21 ޖޫން 2022 ދުވަހު، ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖަޢާކޮށްދެއްވުން އެދި، ދައުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުނުް ބުނެފައިވެ އެވެ. އަދި މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
”ދަޢުވާތަށް މުރާޖަޢާކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައިވާނެއެވެ.“ ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތައް އެކަނި ކަމަށެވެ.
މި މައްސަލައިގައި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު އަދި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކޮށްފައެވެ. މި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ 7 މީހަކަށް، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ 7 މީހަކަށް، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގެމުގެ ދައުވާ އެކެއްގެ މައްޗަށް އުފުލާފައިވެ އެވެ.
މީގެއިތުރުން ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ 3 މީހަކަށް، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ 2 މީހަކަށް، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ 15 މީހެއްގެ މައްޗަށް އުފުލާފައިވެ އެވެ.
