އޮޑިޓް އޮފީހުގެ މަސައްކަތްތައް ލަސްވާތީ މާލިއްޔަތު ކޮމިޓީގެ މެންބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޓިޑާ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، އޮޑިޓް އޮފީހުގެ ޕާފޯމަންސްއާއި ދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ. އޮޑިޓް އޮފީހުގެ މަސައްކަތްތައް ލަސްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ބައެއް މިނިސްޓްރީތަކުގެ 5 އަހަރުގެ އޮޑިޓް ރިޕޯޓު ގަނޑުކޮށް ނެރޭކަމަށެވެ.
އޮޑިޓް އޮފީހުގެ ގޮފިތައް އުތުރު އަދި ދެކުނުގައި ހުންނައިރު، އޮޑިޓް ކުރުމުގައި އަބަދު އެއްބަޔަކު އުޅޭތީ އެކަންވެސް ގޯސްވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން މާނަވީ ގޮތެއްގައި ރަނގަޅަށް އޮޑިޓް ކުރެވޭކަން ޔަގީންކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީޏް ދީފައިވާ ބައެއް ޑެޑްލައިންތަކަށްވެސް އޮޑިޓް އޮފީހުގެ މަސައްކަތްތައް ނުނިމޭ ކަމަށެވެ. އެގޮތުން ފެނަކައިގެ ހާއްސަ އޮޑިޓެއް ކުރުމަށް ބުނެފައިވާއިރު އެ އޮޑިޓްވެސް އަންނަނީ ބައިބަޔަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ފެނަކައިގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ނިންމުން ލަސްވެގެން އެންވަޔަރަމެންޓް މިނިސްޓްރީންވެސް ކަންބޮޑުވުންފާޅުކޮށްފައިވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރާއި ބޭރުފަރާތްތަކާ ގުޅިގެން ހިންގާ ބައެއް މަޝްރޫއުތަކަށްވެސް ވަރަށް ބޮޑަށް ބުރޫއަރާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވަނީ އޮޑިޓް އޮފީހުން ބޭނުންވާ ކަންކަން މަޖިލީހުން ހަމަޖައްސައިދޭކަން ފާހަގަކުރައްވާ، މަސައްކަތްތައް ލަސްވާ މައްސަލައިގައި އޮޑިޓާ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ.
އޮޑިޓު އޮފީސް އޮޑިޓު ކުރުމަށް ހަވާލުކުރި ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ހަވާލާދީ ނާޒިމް ވިދާޅުވީ 621 އޮޑިޓު ރިޕޯޓު ފުރިހަމަ ކުރާނެ ކަމަށް އޮޑިޓާ ޖެނެރަލް ޔަގީންކަން ދެއްވިނަމަވެސް ފުރިހަމަކުރެވުނީ 30 އިންސައްތަ މަސައްކަތް ކަމަށެވެ.
އޮޑިޓާ ޖެނެރަލް މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ
