ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
މި ބައްދަލުކުރެއްވުން ބޭއްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
މިގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މަޝްރޫއުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީހްތަކަށް މަޝްރޫއުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީއިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ރައީސް ބާރުއެޅުއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް


