ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ހޮސްޕިޓަލުގައި އައިސީޔޫ އަދި އެންއައިސީޔޫގެ ޚިދުމަތް ފެށިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އޮޕަރޭޝަން ތިއޭޓަރުތައް ޤާއިމުކޮށް، އެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ފާޓިލިޓީ ސެންޓަރެއް ޤާއިމުކުރުމާއި، އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ވެސް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 24 ގަޑިއިރު ޚިދުމަތްދޭ ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނެއް ޤާއިމުކުރެވި، އޭގެ ޚިދުމަތް ގިނަ ރައްޔިތުންނަށް ލިބެމުންދެއެވެ. ”މެންޓަލް ހެލްތުގެ މައްސަލައަކީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގެ ރައްޔިތުން ވެސް ކަންބޮޑުވާ މައްސަލައެއް,“ މިނިސްޓަރު ވިދާޅުވި އެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ހުރިހާ އަތޮޅަކަށް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެއްގެ ގޮތުގައި ފާހަގަކުރެއްވި މިނިސްޓަރު، މި އަހަރު ނިމޭއިރު ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚިދުމަތް ފެށި، މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް 64 އޮޕަރޭޝަން ކުރެވިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް
