ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
އިޒްރޭލާއި ހަމާސް އިން ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު، އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ އިތުރުވެފަ އެވެ.
ހަމަލާތައް ހުއްޓާލުމަށް ނިންމައި އިޒްރޭލާއި ހަމާސްއިން ގައިދީންނާއި ރަހީނުން މިނިވަންކުރަން އެއްބަސްވީ މިދިޔަ ޖެނުއަރީ މަހު އެވެ.
އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް މި ރޯދަ މަހު އިޒްރޭލުން ދެމުން އަންނަ އުދުވާނީ ހަމަލާތަކަކީ، ހަމަލާތައް ހުއްޓާލުމަށްވި އެއްބަސްވުމުގެ އިތުރުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
އިޒްރޭލުން ދެމުން އަންނަ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވައި، ގާޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ އެކު، އެ ގައުމުގެ އަނިޔާވެރި އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ރާއްޖޭން ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކޮށްފަ އެވެ.
އަނިޔާވެރި އިސްރާއީލް އިޒްރޭލް ފަލަސްތީން ގައްޒާ ގައްޒާ ހަނގުރާމަ