މާފުށީގައި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރޭގައި ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކައުންސިލް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަށުތެރެ ޖީނަތްތެރިކުރުމުގެ މަސައްކަތުގެ ދަށުން ކުރެވޭ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ރަށުގެ ލޯކަލް އޮތޯރިޓީ ކޮމިއުނިޓީއާ ގުޅިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މާފުށީގެ ބައެއް މަގުތަކަކީ ވަރަށް އަޑިގުޑަން މަގުތަކަކަށްވުމުން، ވިއްސާރަަ މޫސުމުގައި ފެން ހެދުން ފަދަ ކަންކަމާއި ކުރިމަތިވެ، އާންމުންނާއި، ރަށަށް ޒިޔާރަތްކުރާ މީހުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހެ އެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކުން މިހާރު އަންނަނީ ރަށް ޒީނަތްތެރިކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރަމަޟާން މަހު ތެރޭގައި ބޭއްވުމަށް ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.