ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފި އެވެ.
މި ނިންމެވުން ނިންމެވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު އެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ މަތިކޮށް، ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު އަވަސްކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވެ އެވެ. މީގެ ތެރޭގައި ޤައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މަޢުލޫމާތު ފަސޭހަކަމާއެކު ޙިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ހިމެނެ އެވެ
———————————
ހުލާސާކޮށް: ކެބިނެޓްއިން ނިންމި ނިންމުންތައް؛
– ޒަމާނީ ޤާނޫނުތައް ތަޢާރަފުކުރުން
– ސަރުކާރު އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުން
– އީ-ގަވަރންމަންޓް ނިޒާމު ހަރުދަނާކުރުން
– ނޭޝަނަލް ސޮވަރިންގ ކްލައުޑް ޤާއިމުކުރުން
– އީ-ފާސް އަދި ޑިޖިޓަލް ސިގްނޭޗަރ ތަޢާރަފުކުރުން
– ޓެކްނޯލޮޖީ ދާއިރާއަށް މީހުން ބިނާކުރުން
– ލޯކަލް ފަސްޓް ސިޔާސަތު ތަންފީޒުކުރުން
– އިނޮވޭޝަން ހަބެއް ޤާއިމުކުރުން
———————————
މީގެ އިތުރުން، ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުމާއި، ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށްވެސް ނިންމާފައިވެ އެވެ.
ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، އީ-ފާސް އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމެއްގެ ގޮތުގައި ތަރައްޤީކުރުމާއެކު ޑިޖިޓަލް ސިގްނޭޗަރ ބޭނުންކުރަން ފެށުމަކީވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކެވެ. އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކުރުމާއި، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކުރުމަށްވެސް ނިންމާފައިވެ އެވެ. މީގެ އިތުރުން، މި ދާއިރާގެ ރިސަރޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފެއްދުމަށްވެސް ވަނީ ނިންމާފަ އެވެ.
އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުމުގެ ’ލޯކަލް ފަސްޓް‘ ސިޔާސަތަށް ޢަމަލުކުރަން ފެށުމާއި، ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސަރޗް ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުމަކީވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް



