ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބޭނެ އަހަރަކަށް 2025 ވަނަ އަހަރު ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގަ އެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަކީ މިހާރު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަމަށާއި، ޤައުމީ، ޖަމާޢަތުގެ އަދި ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށެވެ. މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، ރައްޔިތުންގެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ރައްޔިތުންނަށް ގޮވާލެއްވީ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާމެދު ހެޔޮ ވިސްނުން ގެންގުޅެ، ޞުލްޙަ މަޞްލަހަތު އިސްކުރުމަށެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރެއްވި އެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ 2025 ވަނަ އަހަރަކީ ދިވެހީންގެ މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކު ޤައުމު ބިނާކުރުމުގެ އަހަރުކަމުގަ އެވެ. އަދި އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ބާރުއެޅުއްވި އެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ވެސް ދިވެހި އެންމެހާ ރައްޔިތުންނަށް އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ.