އަތޮޅު ތެރޭގައި ގޯލްޑް ކަޕް ކުޅެވޭނެ ގޮތް ހެއްދެވުމަށް ހުރާ ކައުންސިލުން އެދެފި އެވެ.
ކައުންސިލުން މިގޮތަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ހުރާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ތެރެއިން ނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ހުރާ ކައުންސިލް އިދާރާގައެވެ.
މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަދައްކަމުން ކައުންސިލުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވައި، އެފަދަ ކަންކަމަކީ “ ކޮންމެ ކޮންމެ ފަރާތަކަށް ކުރަން ކެރޭނެކަމެއް ނޫން“ ކަން ފާހަގަކޮށްފައެވެ. އަދި ހުރާގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭ.ޓީ.އެމްގެ މައްސަލައަށް ސަރުކާރުން ހައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރި އެވެ. ހަމައެއާއެކު ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާތީވެސް ކައުންސިލުން ޝުކުރުއަދާކުރި އެވެ. މީގެ އިތުރުންވެސް ހުރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވީތީވެސް ހުރާ ކައުންސިލުން ޝުކުރުއަދާކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުން ސްކޭންގެ ޚިދުމަތް ލިބުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކޮށްފަ އެވެ. އަދި އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރަށުގެ ސުކޫލު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކޮށްފަ އެވެ. އަދި އެކި ރަށްރަށުގެ އ.ތ.މ ކޮމިޓީތައް ބައްދަލުވެލައި، އެއްބަޔަކު އަނެއް ބަޔެއްގެ މަސައްކަތްތައް ޙިއްޞާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ވިދާޅުވި ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ހުރާ ކ. ހުރާ ކައުންސިލް