އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އ.ތ.މ ކޮމިޓީ ގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަމުގައި މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުވައްސަސާތަކާއެކު ކުރައްވާ މަސައްކަތްތައް ކައުންސިލާއި ހިއްސާކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފަ އެވެ.