އއ. ރަސްދޫ ބަނދަރު ރައްޔިތުން އެދޭ ގޮތަށް ފުރިހަމަކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ އއ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި އެކި މަޝްރޫޢުތައް ހިންގަން ފަށާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ރަސްދޫގައިވެސް މަސައްކަތްތައް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އަޅުގަނޑު ދޭން ޔަގީންކަމަކީ، އެންމެ މުހިންމު އެއް މަޝްރޫޢަކީ ތަރައްޤީގެ ގޮތުން ބަނދަރުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ރައްޔިތުން ތި އެދިވަޑައިގަންނަވާ ފުރިހަމަ މިނުގައި އަޅުގަނޑު އެކަން ކޮށްދޭނަން. އެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ މަޝްރޫޢެއް ވަކިވަކިން ނުދެންނެވި ކަމުގައިވިޔަސް، ބަނދަރު ހަދައިދޭނެ ކަމަށް ވިދާޅުވި ފަދައިން އެހެން މަޝްރޫޢުތައްވެސް ޔަގީންކަމާއެކު ކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ފާހަގަކުރެއްވީ މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، މަސްވެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދޭ ކަމަށެވެ.