އއ. ރަސްދޫގެ ބޯހިޔާވަހިކަމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަލައިގަންނަކަން، ޝުކުރުވެރިކަމާއެކު ކައުންސިލުން ފާހަގަކުރައްވައިފި އެވެ.
އެ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އަދި ރަށުގައި އިތުރު 50 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާކަމަށާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ކަންބޮޑުންތައް ކައުންސިލުން ޙިއްޞާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފަހިކުރެއްވުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސް ވަނީ ޙިއްޞާކުރައްވާފަ އެވެ.
މީގެ އިތުރުން ކައުންސިލުން އިޤްތިޞާދީ ފައިދާވާކަހަލަ ކަމެއްކުރުމަށް ހުށަހަޅުއްވައިފިއްޔާ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފަ އެވެ.



