ނިއުޒިލޭންޑާއިއެކު މަތީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާގެ މަޝްވަރާތައްކޮށްފި އެވެ.
ރާއްޖެއާއި ނިއުޒިލޭންޑާއި ދެމެދު މި މަޝްވަރާތައް ކޮށްފައިވަނީ ނިއުޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް ޕައިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އިއްޔެ އެރުއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
ނިއުޒިލޭންޑްގެ އައު ސަފީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ދެ ގައުމުގެ މެދުގައި މަތީ ތަޢުލީމުގެ ދާއިރާއިންނާއި ފަތުރުވެރިިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުން ހިމެނެ އެވެ.
ދިވެހިރާއްޖެއާ ނިއުޒީލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހުގަ އެވެ.
ނިއުޒިލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނިއުޒިލޭންޑް ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ.


