އިންސާނުންނާއި ދިރޭ ތަކެތީގެ ސޫރަ ސިފަވާ މޮނިއުމެންޓްތައް ބެހެއްޓުން ހަރާމް: ފަތުވާ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންސާނުންނާއި ދިރޭ ތަކެތީގެ ސޫރަ ސިފަވާ ގޮތަށް ފަރުމާކޮށް ބައްޓަންކޮށްފައި ހުންނަ ހަނދާނީ ބިނާތައް ނުވަތަ މޮނިއުމެންޓުތައް ބެހެއްޓުމަކީ ޝަރުޢީ ގޮތުން ޙަރާމް ކަމެއް ކަމަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފި އެވެ.

މި ފަތުވާ ނެރެފައިވަނީ، ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށް ކުރެވުނު ޢިލްމީ ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވުނު ކަރުދާހެއްގެ އަލީގަ އެވެ.

އެ ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތް ކައިރިވުމުން ބައެއް މީހުން އަނެއްކާވެސް ބުދުތަކަށް އަޅުކަންކުރަން ފަށާނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާފުވެ އެވެ. އެހެންކަމުން، ޝިރުކު އުފެދުމަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުން ދީނުގައި ހުއްދަވެގެންނުވާ ކަމަށް އެ ފަތުވާގައި ބަޔާންކޮށްފައި ވެ އެވެ. މިފަދަ ކަންކަން މަނާކުރެވިފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މާތް ﷲގެ ޚަލްޤުކުރެއްވުމާ އެއްފަދަ ކުރުމުގެ ނުރައްކާ ހިމެނޭ ކަމަށްވެސް ފާހަގަކޮށްފައި ވެ އެވެ.

މިފަދަ ބިނާތައް މަނާކުރެވިފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، މަލާއިކަތުންގެ ރަޙްމަތާއި ބަރަކާތްތައް ނުލިބުމާއި، ޝިރުކުގެ ފައްތަރަށް ވެއްޓުމުގެ ފުރުޞަތު ބޮޑުވުން ހިމެނެ އެވެ.

”މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން ބުދު ނުވަތަ ސޫރަ ބަހައްޓާފައި ހުންނަ ތަންތަނަށް ނުވެންނެވުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނެއެވެ.“

ބުދަށް އަޅުކަންކުރުމުގެ ފެށުން އައިސްފައިވަނީ، ހެޔޮލަފާ އަޅުންގެ ހަނދާނަށްޓަކައި ބިނާކުރެވުނު ތަކެތީގެ ސަބަބުން، ދީނީ ޢިލްމު ނެތިގޮސް، މީސްތަކުން މަގުފުރެދުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް މަޖިލީހުގެ ފަތުވާގައި ބަޔާންކޮށްފައިވެ އެވެ. މި ނުރައްކާތެރިކަން ދެނެގަތް އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅު ބުދަށް އަޅުކަންކުރުމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާފުޅު ކުރެއްވި ކަމަށްވެސް އެ ފަތުވާގައި ފާހަގަކުރެވިފައި ވެ އެވެ.

ނަމަވެސް، ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ، އެހެން ބުދުތަކަށް އައިސްފައިވާ ޙުކުމުން އިސްތިސްނާވާ ތަކެއްޗެވެ. ޢިލްމުވެރިންގެ ރައުޔުފުޅުތަކަށް ބަލާއިރު، މިކަމުގެ މަޤްޞަދަކީ އަންހެން ކުދިން ކުޑައިރުން ފެށިގެން ގެވެހި ކަންކަން ހިންގުމަށާއި، ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމަށްޓަކައި ހުއްދަކުރެވިފައިވާ ކަމެކެވެ. މީގެ އިތުރުން އެނޫން އެއްވެސް ބޭނުމަކަށް ދިރޭ އެއްޗެއްގެ ސޫރަ ސިފަވާ މޮނިއުމެންޓް ނުވަތަ ބުދެއް ބެހެއްޓުމަކީ ޝަރުޢީ ގޮތުން ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ކަނޑައަޅުއްވާފަ އެވެ.

ފަތުވާ މަޖިލީހުން މިފަދައިން ފަތުވާއެއް ނެރުނުއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި ދިރޭ ތަކެތި ރަމްޒުކޮށްދޭ މޮނިއުމެންޓްތައް ހަދަން ފަށާފައިވާކަން ފާހަގަކުރެވެ އެވެ. އޭގެތެރޭގައި ވެލެއާ، މާކަނާ ފަދަ ތަކެތި ހިމެނެ އެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ