އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިން ހަދިޔާ ކުރެއްވި 400،000 ޑޮލަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް ޕްރޮގްރާމުގެ ތެރެއިން ދެއްވާ ހިލޭގެ އެހީއެއް ކަމަށެވެ.
މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ސިއްހީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ސިއްހީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށްވެސް ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްއިން ހިލޭ އެހީ ދީފައިވާއިރު، މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ގައި އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން ސިއްހީ ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ސިއްހީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނެ އެވެ. އަދި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ސިއްހީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފަ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް



