ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ ހަލުވިކޮށްފި އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ދުނިޔޭގެ އެންމެ ބޮޑު އެ ޑްރެޖަރު ބޭނުންކުރަން ފެށިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސަގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރ ކަމަށްވާ ޖާން ޑި ނަލްގެ ”ކްރިސްޓޮބަލް ކޮލޮން“ ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއާއެކު ރަސްމާލެ ހިއްކުމުގެ ސްޕީޑް 3 ގުނަ އަވަސްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މި ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ޓައިމްލައިންއެއްވެސް ދެއްވާފަ އެވެ. އެގޮތުން، 30 ނޮވެންބަރުގައި މި މަޝްރޫއު މޯބަލައިޒް ކޮށްފައިވާއިރު، ރަސްމާލޭގައި 1 ވަނަ ލޯޑް ކޮށްފައި ވަނީ، މިއަދު އެވެ. އެގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ، މިއަދު ހެނދުނު 05:00 ގައެވެ. އަދި ޑިސްޗާޖް ކުރަން ފެށީ މިއަދު ހެނދުނު 11:41 ހާއިރު ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސްގެ އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ރަސްމަލޭ 100 އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އީކޯ ސިޓީއަށްވާނެކަން ފާހަގަކުރައްވާފަ އެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މޫސުމީ އެޑެޕްޓޭޝަން މަޝްރޫއު ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރަސްމާލެ މަޝްރޫޢުގެ ބޮޑު މިނަށް އަލިއަޅުއްވާލައްވަމުން ރައީސް އޭރު ވިދާޅުވީ، މިތަން ހިއްކައި ނިމޭއިރު ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބިމަށްވުރެ ދެ ގުނައަށްވުރެވެސް ބޮޑު ބިމެއް ލިބިގެންދާނެ ކަމަށެވެ.

ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ރޭވިފައިވާއިރު، މިހާރު ނަގާނީ 15,000 ގޯތި ކަމަށް ރައީސް ވިދާޅުވި އެވެ. މި 15,000 ގޯތި ދޫކުރާނެ ގޮތުގެ ތަފްސީލު ދެއްވަމުން ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ކުރާ ބައި ބޮޑުކަން ފާހަގަކުރައްވާފަ އެވެ.ގޯތިތަކުގެ އިތުރުން ރަސްމާލޭގައި 7,500 ފްލެޓު ވެސް ގާއިމްކުރާނެ ކަމަށާއި، އެ ފްލެޓުތައް ދޫކުރުމުގެ އުސޫލު ވެސް މިހާރު ވަނީ އިއުލާނުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށާއި، މި ދައުރު ނިމިގެން ދާއިރު މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.
