ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުގެ އެޕާރޓްމަންޓެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ 4 އަންހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މައުލޫމާތު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ
- ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ)
އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ؛
- ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ)
- ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ)
- ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ)
- އުމިޑަބޮނޫ ނެމަޓޯވާ (34އ)
ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
