އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރަށް، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 40,374,524,647 ރުފިޔާ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.
2026 ވަނަ އަހަރަށް ލަފާކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި 8,312,139,881 ރުފިޔާ ކަނޑައަޅާފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މަޝްރޫއުތަކަށެވެ.
