ދިވެހިރާއްޖޭގައި ފުޓުބޯޅައަށް އޮތް ޝައުގުވެރިކަން އިތުރަށް އާލާ ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު މަޝްވަރާ ކުރައްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ފީފާގެ ރައީސް އިންފަންޓީނޯ އާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވެފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯއަށް ރާއްޖޭގައި މެހެމާންދާރީ އަދާކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރުމަށް ފީފާއިން ވެދެއްވާ ދިގުދެމިގެންދާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ނުހަނު ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އާ އެކު ފީފާގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. މިފަދަ އެއްބާރުލުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮތް ޝައުގު އިތުރަށް އާލާ ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
އިއްޔެ ބޭއްވުނު ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ މަޤްބޫލު ކުޅިވަރުގެ އިތުރުން، ރައްޔިތުން ގުޅުވައިދޭ މުހިންމު ބާރެއްކަން ފާހަގަކުރައްވާފަ އެވެ. އަދި، ރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު ކޮމިޓްމެންޓެއް ދެއްވާކަން ޔަޤީންކޮށްދެއްވި އެވެ. އެގޮތުން، މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ބޮޑެތި އުމްރާނީ މަޝްރޫޢުތަކެއް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވައިލެއްވުމަށްފަހު، މިހާރު ކުރިއަށްދާ މަސައްކަތްތަކާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ ލީޑަރޝިޕްގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފަ އެވެ. އަދި، ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ކުރިއަށްގެންދިއުމަށް ފީފާގެ އެއްބާރުލުން އަބަދުވެސް ދެމިގެންދާނެކަމަށް އިންފަންޓީނޯ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފްއޭއެމް ފީފާ
