އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަމުގެ ހުއްދަ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ދޭ ގޮތަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މި ބަދަލަކީ އެތައް ދުވަހެއް ވަންދެން ދިވެހި ކުންފުނިތަކުން އެދެމުން އައި ބަދަލެއް ކަމަށާއި، މިއީ ދިވެހި ކުންފުނިތައް ބާރުވެރިކުރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވަރަށް އަވަހަށް އެއާ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އާ ގަވާއިދެއް ގެޒެޓު ކުރައްވާނެ ކަމަށެވެ. އެ ގަވާއިދުގެ ދަށުން އެއާލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ)، ޕެސެންޖާ ސޭލްސް އެޖެންޓް (ޕީއެސްއޭ)، ނުވަތަ ކާގޯ ސޭލްސް އެޖެންޓް (ސީއެސްއޭ) މަސައްކަތްތައް ކުރެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ކަމުގައި އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މި ބަދަލު ގެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން ކަމަށެވެ.
”ރައީސް ޑރ. މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ޖީއެސްއޭ (ޖެނެރަލް ސޭލްސް އެޖެންޓް)، ޕީއެސްއޭ (ޕެސެންޖާ ސޭލްސް އެޖެންޓް) ނުވަތަ ސީއެސްއޭ (ކާގޯ ސޭލްސް އެޖެންޓް)ގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށް،“ އަމީން ވިދާޅުވި އެވެ.
މިހާރުވެސް ސީއޭއޭގެ ވެބްސައިޓުގައި އެއާ ޓްރާންސްޕޯޓް ސޭލްސް ވިޔަފާރިކުރާ 50އަށް ވުރެ ގިނަ ކުންފުނި ލިސްޓުކޮށްފައިވެ އެވެ. ނަމަވެސް އާ ގަވާއިދު ގެޒެޓުކުރާ ހިސާބުން ފެށިގެން، ބޭރުގެ ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކަށް މި ވިޔަފާރި ނުކުރެވޭނެ އެވެ.
މި ބަދަލުގެ ސަބަބުން މި ވިޔަފާރިން ކުންފުނިތަކަށް ލިބޭ ފައިދާ ރާއްޖޭގެ އިގްތިސާދުގައި ހިފަހައްޓަން މަގުފަހިވެ، ދިވެހި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މިނިސްޓްރީން ދެކެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން