ޕީއެންސީ އަށް މި ފަހުން ސޮއިކުރެއްވި އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
ޖަވިޔަނި އަށް އެނގިފައިވާ ގޮތުގައި ވައްޑެ އެ މަގާމާއި ހަވާލުވިތާ މިހާރު ވަނީ ހަފްތާއެއް ވެފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުން އަދި ވައްޑެގެ ފަރާތުން އެއްވެސް ރަސްމީ ބަޔާނެއް އަދި ވަނީ ދެއްވާފައި ނުވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ހިމެނިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ޑރ. އިބްރާހިމް ޝިޔާމް، މުހައްމަދު ރިޔާޟް އަދި ކެޕްޓަން އަބްދުއްލަތީފް މުހައްމަދެވެ.
ވައްޑެ އަކީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޑަވެލި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އެ އިންތިހާބުގައި މަޑަވެލި ދާއިރާއިން ޖުމްލަ 2،300 އެއްހާ މީހުން ވޯޓުލާފައިވާއިރު، ވައްޑެ އަށް ލިބިވަޑައިގެންފައިވަނީ 274 ވޯޓެވެ.
އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން