ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި އެވެ.
އެ އަތޮޅުގައި އޭޓީއެމްގެ ހިދުމަތް އެންމެފަހުން ފެށި ރަށެއްގެ ގޮތުން ހިދުމަތްދޭން މިއަދު ފަށާފައިވަނީ ރ. ވާދޫގަ އެވެ.
އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ވާދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ”މިއަދު ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް“ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ބަހައްޓާ އަހައްމިއްޔަތުކަމުގެ ރަމްޒެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބީއެމްއެލްއަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމުކޮށްފައިވާ ބޭންކެއްގެ ގޮތުގައި، މިވަގުތު 20 އަތޮޅުގައި 42 ބްރާންޗް، 180 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 238 އޭޓީއެމް ޤާއިމުކޮށްފައިވާ ބޭންކެކެވެ. މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ވެސް ބީއެމްއެލްއިން ފޯރުކޮށްދެ އެވެ.
ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެ އެވެ.