ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މިއަދުން ފެށިގެން މަނާވާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މި ނިންމުން ނިންމީ އެ ސަރަހައްދަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދަކަށް ވެފައި، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭނެ ކަމަކަށް ވާތީއެވެ.
މީގެ އިތުރުން، އެ ސަރަހައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިއީ މި ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރުމަށް އެޗްޑީސީން ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރުވެސް އެ ސަރަހައްދުގައި ޖެޓްސްކީ ފިޔަވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުން މަނާކުރި ކަމަށް އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.