ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެއަށް ލޭޔާއެއް އިތުރުވުން: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓި (އެމްޑީޕީ) ގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެއަށް ލޭޔާއެއް އިތުރުވުން ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެއަށް ލޭޔާއެއް އިތުރުވެ އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އަދި އަތޮޅު ކައުންސިލް އޮންނަންޖެހޭ ގޮތް ބަދަލުކޮށް، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީވެސް ލާމަރުކަޒީ ނިޒާމަށް އިތުރުވާ ލޭޔަރެއް ކަމަށެވެ.

މިނިސްޓަރުގެ ވާހަކަގައި ލާމަރުކަޒީ ގާނޫނު އިސްލާހުކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ބަދަލުކުރެއްވުމަށް ކަމަށެވެ. އަދި ރަށްރަށަށް ވަޑައިގެން ރައީސް ވިދާޅުވަމުން ގެންދެވީ މިހާރު އެ އޮތް ކޮމްޕޮޒިޝަން އެ އޮތްގޮތަށް އަތޮޅު ކައުންސިލްތައް ނޯންނާނެ ވާހަކަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުދުރަތީގޮތުންވެސް ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތްގޮތުންނާއި އޭގެ ޒާތުގައި މަސައްކަތް ކުރެވިގެންދާ ތަރުތީބުތަކަށް ބަލާއިރުވެސް ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމް ކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ ކަމަށެވެ.

”ވުޒާރާތަކުގައި ޕާމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން“ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުން އައްޔަން ކުރަންވާނީ ސިވިލް ސަރވިސްގެ ތެރެއިން ކަމަށެވެ. އަދި އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ