”ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.“ 28 ވަނަ މާއްދާ، ޤާނޫނުއަސާސީ، 2008
ނޫސްވެރިކަމުގެ ހައްޤަކީ ޤާނޫނުއަސާސީ ވަރަށް ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. މިނިވަން ޑިމޮކްރަސީތަކުގައި ނޫސްވެރިކަމަކީ ހަތަރުވަނަ ބާރެވެ. ރައްޔިތުންގެ އަދި ޤައުމީ މަސްލަހަތާ ގުޅިފައިވާ މުހިިންމު ހައްޤެއް އަދި ބޮޑު މަސައްކަތެކެވެ.
މީޑިއާ ”ރެގިއުލޭޓް“ ކުރުމުގެ ނަމުގައި މިރާއްޖޭގައި މީގެކުރީގައިވެސް ވަރަށް ކަންކަން ކޮށްފައި އެބަހުއްޓެވެ. ސީދާ އަދި ނުސީދާ ގޮތެއްގައި މީޑިއާ ހައުސްތަކަށް އަދި ނޫސްވެރިންނަށް އަމާޒުކޮށް ކިތަންމެ ހަމަލާއެއް ދީފައި އެބަހުއްޓެވެ. ސިޔާސީ މީހުންގެ އާންމު ހަމަޔާއި އުސޫލު ހުންނަގޮތުން، އިދިކޮޅުގައި ތިބޭއިރު މީޑިއާގެ ބޭނުން ކުރެވެން އޮތް އެންމެ ފުޅާމިނެއްގައި ކުރެއްވުމަށްފަހު، އާރާއި ބާރު ލިބުމުން އެންމެ ފުރަތަމަވެސް ބަގުޑިބައްދާ، އަނދަގޮނޑި ޖައްސަނީ މީޑިއާތަކެވެ. މިއީ މިއަދަކު އެކަނި ވާކަމެއް ނޫނެވެ. މީގެކުރީގައިވެސް ކަންވެފައިވަނީ މިގޮތަށެވެ. ކަންކުރީވެސް މި މަގުންނެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު“ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ މި ބިލުގައި ހުރި ކަންބޮޑުވުންތައް ނޫސްވެރިން ހިއްސާކުރުމުން، ނޫސްވެރިންނަކީ މަތިން ފައިބާފައި ތިބި ބައެއްތޯ ސުވާލު އުފައްދައި، މިކަމުގައިވެސް ގޯހެއް ނުފެންނަ ކަމަށް ގަބޫލުކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް ސާފުވާނޭ މަގަކުން ތިލަކޮށް ދަންނަވާލާނަމެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މީޑިއާ ”ކޮންޓްރޯލް“ ކުރުމަށް، މިހާރު ހުށަހަޅުއްވާފައި މިވަނީ ދަންތުރައެކެވެ. ނޫސްވެރިންގެ ޖަމިއްޔާތަކާއި މީޑިއާ ހައުސްތަކުންނާއި ސީނިއަރ އެޑިޓަރުންނާއި ނޫސްވެރިންވެސް ކަންބޮޑުވުން ފާޅުކުރަނީ މީގެކުރީގައިވެސް މިކަންކަން މިމަގުން ހިނގާފައިވާތީ އެވެ. މި ކުޅެން އުޅޭ ފިލްމަކީ ކުރިންވެސް ބަލާފައި އޮތް ފިލްމަކަށްވާތީ އެވެ. އެނގިތިބެ އަމިއްލަ ކަރަށް އެހެން ބަޔަކުވެސް މަޅިއެއް މެހިޔަ ނުދޭންވެގެންނެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ކަމަށް ބުނެ އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތަކީ ބެސްޓް ޕްރެކްޓިސްއާ ދުރުގޮތެކެވެ. ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ވެސް މި ބިލުގައި ވަނީ ދީފަ އެވެ. މިއީ މީޑިއާގެ ކަންކަން އެންމެ ރަނގަޅަށް ހިންގަމުންދާ ގައުމުތަކުގައި އޮތް ނިޒާމާއި ދުރުގޮތެކެވެ. އަދި ބެސްޓް ޕްރެކްޓިސް ކަމަށްވާ ސެލްފް ރެކިއުލޭޓް ކުރުުގެ ހަމަތަކާ މުޅިން ދުރުގޮތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބަޔަކު ކޮމިޝަނުގައި ބައިތިއްބަވަން ބޭނުންފުޅުނުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ތަކުރާރުކޮށް ހާމަކުރައްވާފަ އެވެ. އަދި މީޑިއާ ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާގޮތް ނޫންކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި މިހާރުވެސް މީޑިއާތަކަށް ރެގިއުލޭޓް ކުރަނީ ސެލްފް ރެގިއުލޭޓް ކުރުުގެ ހަމަތަކާ އެއްގޮތަށެވެ. މީޑިއާ ކައުންސިލް އަކީ ސެލްް ރެގިއުލޭޓަރީ ބޮޑީއެކެވެ. މީޑިއާތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަނީ އެތަނުންނެވެ. މިހާރުވެސް ރާއްޖޭގައި އަމަލުކުރާ ގޮތަށް ބަލާނަމަ، މީޑިއާ ކައުންސިލަށް ހުށަހެޅޭ މައްސަލައަކާމެދު އެ ކޮމިޝަނުން ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަބުރަށް އަރައިގެންފި ކަމަށް ގަބޫލުކުރެވޭނެ ބަދަލުހޯދުމަށްވެސް ކޯޓަށް ދެވެ އެވެ.
އެމްއެމްސީއަށް ހުށަހަޅާފައި ގިނަ މައްސަލަތަކެއްގައި މާފަށް އެނދުމަށް މީޑިއާތަކަށް އަންގާ ފިޔަވަޅުތައް އަޅާފައި އެބަހުއްޓެވެ. ފިންލޭންޑް، ސުވިޑެން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވެސް މިކަމަކީ މިނިވަންކަން، ސެލްފް ރެގިއުލޭޓް ކުރާގޮތަށް އޮތް ކަންކަމެވެ. ވީއިރު މި ބިލުގައި މިޑީއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ގޮތަކީ ޒަމާނީ ޑިމޮކްރަސީ ތަކުގައި އަމަލުކުރާ ގޮތާއި ދުރު އަދި ފަހަތަށް އެޅޭ ފިޔަވަޅެކެވެ.
މީޑިއާ ކޮންޓްރޯލް ބިލުގައި ބުނެފައިވަނީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. ފުޅާ މާނައެއްގައި މި ބިލުގައި ދުރުދުރުން މިބުނާ ވާހަކައަކީ، މައްސަލައެއް ހުށަހަޅާއިރަށް، ތަހުގީގުކޮށް ނުނިމެނީސްވެސް މީޑިއާތައް ހުއްޓުވާލެވިދާނެ ކަމަށެވެ. އަދި ޤައުމީ ސަލާމަތާއި އާއްމު ނިޒާމުގެ ފުޅާ މާނައިގައި މީޑިއާތައް ހިންގާ ތަންތަނަށް ފުލުހުން ވަދެ އެތަންތަން ހުއްޓުވުމުގެ ބާރު ލިބިގެންވާ ކަމަށެވެ. މިއީ މީގެކުރީގައި މީޑިއާ ހައުސްތަކާއި ނޫސްވެރިން އުޅުނު ބިރުވެރިކަމެކެވެ. ހުށަހަޅާފައިވާ ބިލުގައި މި ވާހަކަތައް ހިމަނާފައި މިވަނީ މިނިވަން މީޑިއާއަށް ހުރަސްއަޅާ، ނޫސްވެރިންނާއި މީޑިއާތައް ބިރުވެރިކަމެއްގެ ތެރެއަށް ލުމަށެވެ.

މި ބިލުން ފާހަގަކުރެވޭ އެންމެ ހެއްވާ ކަމަކީ ”ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން“ މިއީ ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި ހިމެނުމަށް ހިމަނާފައި އޮތްއޮތުމެވެ. މި ކަމަކީ ސަރުކާރާއި ސިޔާސީ ވެރިން ޖަވާބުދާރީ ކުރުވުމަށް މީޑިއާތަކަށް ޤާނޫނުއަސާސީން ދީފައިވާ ފުޅާ ދާއިރާ ހަނިކޮށް، ”އަނގަމަތީގައި ޓޭޕު އެޅުމަށް“ ކުރެވޭ ކަމެކެވެ. މިފަދަ ވާހަކައެއް ނޫސްވެރިކަމުގެ ސުލޫކީ ހަމަތަކުގައި ތެރޭގައި ހިމަނާފައި އޮތުމަކީ ޑިމޮކްރަސީއާއި ބީރައްޓެހި ފިނޑި ކަމެކެވެ.
މި ބިލުގައި ވަރަށް ބޮޑަށް، ”ތެދު ނޫން“ މައުލޫމާތު ހަމަކުރާނަމަ އެކަމާމެދު ފިޔަވަޅު އެޅޭނޭ ވާހަކަ ބުނެފައިވާއިރު އުފެދޭ ސުވާލަކީ، މި ބިލުން ބާރުލިބިގެން އުފައްދާ ކޮމިޝަނަކީ ތެދު ދޮގު ހޯދުމަށް ތަހުގީގު ހިންގާ އަދި ތެދު ދޮގު ކަނޑައަޅާ ކޮމިޝަނަކަށް ބަދަލުވަނީތޯ އުފެދޭ ސުވާލެވެ.
ވަކިވަކި ނޫސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅޭގޮތަށް މި ބިލުގައި ހިމަނާފައިވާ ވާހަކަތަކާއި މީޑިއާތައް ހުއްޓުމަކަށް ގެނެވޭގޮތަށް ހިމަނާފައިވާ ވާހަކަތަކަކީ ޒަމާނާ ގުޅޭ ކަމެއް ނޫންނެވެ. މިއީ ބެސްޓް ޕްރެކްޓިސް އެއްވެސް ނޫނެވެ. މިއީ ވެރިކަމުގައި އެވަގުތަކު ތިބޭ ބަޔަކަށް ”މީޑިއާ ކޮންޓްރޯލް“ ކުރުމަށް ފަހާދީފައިވާ ކޯޓެކެވެ.
ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު