މިދިޔަ ހަފްތާގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯގެ ތަފާސްހިސާބުތަށް ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މިފްކޯއަށް 234 ދޯންޏަކުން މަސްކިރުވާފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 41.8 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވެފައިވާއިރު، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 10،390،914 ރުފިޔާ ވަނީ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުން ދައްކަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެދުވަހު މިފްކޯއަށް 45 ދޯންޏަކުން މަސްކިރުވާފައިވާއިރު، ޖުމްލަ 2،791،221 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެ އެވެ.
މީގެއިތުރުން ފިޝަރީޒް މިނިސްޓްރީއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފަ އެވެ.