ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް ކައުންސިލްތަކަށް އައު މުވައްޒަފުން ނުނެގުމަށާއި ބިންތައް ކުއްޔަށް ދޫނުކުރަން ލޯކަލް ގަވަމެންޓް އެތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެވެ.
އެލްޖީއޭއިން މިއަދު ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވި ސިޓީއެއްގައި ވަނީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކައުންސިލްތަކުން އަމަލުކުރަންވީގޮތް އަންގާފަ އެވެ.
ކައުންސިލްތަކަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކައުންސިލްގެ އުމުރުން ބާކީއޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްވާގޮތަށް މެނުވީ ކައުންސިލުން ނިންމައިގެން ނުވާނެ ކަންކަން ޤާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތަށް މެނުވީ:
- ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެޓް އުސޫލުން މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށާއި،
- ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދު ކުއްޔަށް ދޫކޮށްގެން ނުވާނެ ކަމަށާއި،
- ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފަށައިގެން ނުވާނެ ކަމަށް، އަންގާފައިވެ އެވެ.
އެލްޖީއޭއިން މި ސިޓީގައި ބުނެފައިވަނީ އިސްލާހާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކޮށްފައިވަނީ އޮގަސްޓް 14 ވަަނަ ދުވަހު އެވެ.