ޓްރޭޑްމާރކްގެ ބިލަކީ ރާއްޖޭގައި ތިބި ފަންނުވެރި ޒުވާނުންގެ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ވިދާޅުވެއްޖެ އެވެ.
ޓްރޭޑްމާރކްގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައި އެ ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން މެންބަރު މުފީދު ވިދާޅުވީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން ލަސްވެފައިވާ ކަމަށެވެ.
މުފީދު ވިދާޅުވީ މި ބިލު ޤާނޫނަކަށް ވެގެންދިއުންވާނީ ރާއްޖޭގައި ތިބި ފަންނުވެރި ޒުވާނުންގެ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއަކީ ނިސްބަތުން ފަންނުވެރިންގިނަ ގައުމެއްކަން ފާހަގަކުރައްވާ މެންބަރު މުފީދު ވިދާޅުވީ މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.
ފަންނުވެރިންގެ ޚިޔާލާއެކު މި ބިލު ދިރާސާކޮށް ނިމުމުން ޤައުމަށާއި ރާއްޖޭގެ ޒުވާން ޖީލަށް މިކަމުގެ ފައިދާ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބިލުގައި ބުނެފައިވަނީ، ޓްރޭޑްމާރކްއަކާ ގުޅިގެން އެކްސްކްލޫޒިވް ހައްޤު ލިބިދެވޭނީ، އެ މާރކް ރަޖިސްޓްރީކުރުމުން ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި އެ މާރކް ބޭނުންކުރުމުގެ ސަބަބުން އޮޅުންއެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި، އެފަދައިން އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްޤު، ރަޖިސްޓްރީކޮށްފައިވާ މާރކްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގެންފިކަމަށް ނުވަތަ އެފަދަ ޙައްޤަކަށް އަރައިގަންނަން އުޅޭކަމަށް ޤަބޫލުކުރެވިގެން، މާރކްގެ ވެރިފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމަށް ވަގުތީ ފިޔަވަޅު އެޅުމަށް އަމުރުތައް ނެރެދިނުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެެ. އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، މި ބިލުގައި ބުނެފައިވާ އެހެން ފަރުވާތައް ނަގައިދިނުމުގެ ބާރުވެސް ކޯޓަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން މި ބިލުގައި ވަނީ ޓްރޭޑްމާރކް ކައުންޓަރފީޓް ކުރުމަކީ ޖިނާއީ ކުށެއްކަމަށްވެސް ކަނޑައަޅާފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު